ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ ގުޅިގެން، މިއަހަރުގެ ހައްޖުވެރިންގެ ޑެބިޓް ކާޑު ލިމިޓް 2،000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކުރައްވައިފިއެވެ.
ބީއެމްއެލްއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ނިންމެވުމާއެކު ކޮންމެ ހައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1،750 ޑޮލަރު އިތުރަށް ލިބޭނެއެވެ. މީގެ އިތުރުން، މިހާރު ވެސް ޑެބިޓް ކާޑަށް މަހަކު ދެމުންދާ 250 ޑޮލަރުގެ ލިމިޓާއެކު، ޖުމްލަ 2،500 ޑޮލަރު ހައްޖުވެރިންނަށް ލިބިގެންދާނެއެވެ. އަދި މިހާރު ވެސް ދަތުރުވެރިންނަށް ވިއްކާ 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ވެސް އެ ބޭންކުން ހާމަކުރައްވާފައިވެއެވެ.
ބޭންކުން މަޢުލޫމާތު ދެއްވި ގޮތުގައި، ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންގެ ލިސްޓު ފޮނުވުމުން، މި ލިމިޓް ހަމަޖައްސައިދެވޭނެއެވެ. މި ނިންމުމަކީ ހައްޖުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ސަބަބަކީ މީގެ ކުރިން ހައްޖުވެރިންނަށް ލިބެމުން އައި ޑޮލަރުގެ އަދަދު މަދުވުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާތީއެވެ.
އަދި މިއަހަރުގެ ހައްޖާޖީންގެ އިތުރުން ރަމަޟާންމަހު އުމްރާއަށް ވަޑައިގެންނެވި ފަރާތްތަކަށް ވެސް ޑޮލަރު ލިމިޓް ވަނީ އިތުރުކޮށްދެއްވާފައެވެ. އެގޮތުން ކޮންމެ އުމްރާވެރިއެއްގެ ޑެބިޓްކާޑަށް 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ބޭންކުން ހާމަކުރައްވާފައިވެއެވެ. މިގޮތުން އުމްރާވެރިންނަށް އެއް މިލިއަން ފަސްހާސް އެއްސަތޭކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދޫކުރެވިފައިވާ ކަމަށް ބޭންކުން ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅުބާޒާރުގެ މައްސަލަ ހައްލުކޮށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމެކެވެ.

