ނޫސްވެރިކަމަކީ މުޖުތަމަޢުގެ ހަތަރުވަނަ ބާރު ކަމުގައި ބެލެވޭއިރު، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ އިޙްތިރާމާއި ރައްކާތެރިކަން ލިބިދޭންޖެހެއެވެ. އެހެންކަމުން ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފުރައްސާރައާއި ގޯނާގެ ޢަމަލުތަކަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
ނޫސްވެރިންގެ ތެރޭގައި ކަމަށް ޤާބިލު އަދި ބަހާއި އަމަލުން އެ ޤާބިލުކަން ސާބިތުކޮށްދެމުންދާ ނުހަނު ހިތްވަރުގަދަ ހަރުދަނާ، ނޫސްވެރިން އެބަތިއްބެވެ. އޭގެ ތެރެއިން ސަންގު ޓީވީއަށް 3 އަހަރު ކުރިއްސުރެ މަސައްކަތް ކުރަމުން އަންނަ ފާތުމަތު މަދަދާ އަކީ ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ، ހާއްސަކޮށް އޭނާގެ ޖާނަލިޒަމް ޕްރޮފެޝަން، ސިޔާސީ ހަބަރުތައް ގެނެސްދިނުމާއި ސިޔާސީ އެކި ކަހަލަ އެއްވުންތަކާއި އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅުން ހުރި ހަބަރުތައް ވެސް ގެނެސްދެއެވެ.
އެހެންނަމަވެސް އިނގިލި ދިއްކޮށްލާއިރު ތިމާއާ ދިމާއަށް އަނެއް 4 އިނގިލި ދިއްކުރެވިފައި ހުންނަކަން ނޭނގޭ ބަޔަކަށް ޖާނަލިސްޓުންގެ ގުރުބާނީތަކާއި ގައުމަށާއި ރައްޔިތުންނަށް ކިހާ މުހިންމު މަސައްކަތެއް ކުރާ ބައެއްކަން އެނގޭނީ ކިހިނެއްތޯއެވެ،
ޕީއެންއެފްގެ ޖަލްސާއެއްގައި މަދަދާއަށްކުރި ފުރައްސާރައަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ހާމަ މިސާލެކެވެ. ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުންގެ ކުރިމަތީގައި ނޫސްވެރިއަކަށް މިފަދަ ފުރައްސާރައެއް ކުރެވުމަކީ ޑިމޮކްރެޓިކް މުޖުތަމަޢުއެއްގައި ގަބޫލުކުރެވޭނެ ކަމެއްބާވައެވެ؟

މަދަދާ — ފޮޓޯ:ރީލްސް
އަންހެން ނޫސްވެރިއަކަށް ވީތީ ހަސަދަވެރިވާނަމަ އޭގައި އެއްވެސް މީހަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ޗެނަލް 13 އިން ލައިވްކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކޮށް މަލާމާތް ކޮށް ހަނގާ ކުރިއިރު މިކުރެވެނީ ކޮންފަދަ ދަށު ދަރަޖައިގެ އަމަލެއް ކަމެއް އިހުސާސް ނުކުރެވުނީބާވައެވެ.
ޕީއެންއެފްގެ ހަރުގޭގައި ބޭއްވުނު މި ޖަލްސާގައި ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ޖަލްސާގެ އެހެން ބައިވެރިން ވެސް ވަނީ މަދަދާއަށް މަލާމާތްކޮށް، ބާރަށް ހީ، ސަމާސާކޮށްފައެވެ.
ޕީއެންއެފްގެ އިސް މެންބަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވަނީ "ސަންގު ޓީވީގައި އުޅުއްވާ ނޫސްވެރިއެއް މަދަދާއަކީ، އޭނަ ފިޔަވާ އެންމެނަށް ފިއްލަވައިގެން މީނަ (ރައީސް ޑރ.މުހައްމަދު މުއިއްޒު) އުޅުއްވަނީ. ރައީސް ގަބޫލުކުރައްވާގޮތުގައި ނޫސްވެރިކަމުގެ ހުރިހާ ކަމެއް ކަވާވީ މަދަދާ ގެންދެވީމަ" ކަމަށް ބުނެފައެވެ.
މި ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ވަނީ މަދަދާއަކީ ރައީސްގެ ހުރިހާ ޖަލްސާތައް ކަވަރުކުރުމަށާއި ރަށްރަށަށް ދަތުރުކުރައްވާއިރު ގެންދަވާ ކުއްޖާތޯ އަދި އެއީ ރައީސްގެ ހާއްސަ ކުއްޖެއްތޯ ސުވާލުކުރައްވާފައެވެ. އަދި "މަދާ ތަނަކަށް މަދަދާ ދަނީ!" މިހެން ވިދާޅުވެ މަލާމާތްކުރައްވާފައިވެއެވެ.

މަދަދާ ، އެވޯޑާއެކު ، ހަގީގަތުގައިވެސް އަރަމުންއަންނަ ތަރިއެއް—ފޮޓޯ:އިންސްޓާ
މީގެއިތުރުން، ކުރީގެ ނައިބު ރައީސް ޖަމީލް ވަނީ މަދަދާ އަޅާ ހެދުމަކީ ޝެއިޚް ލަތީފް ހުއްދަދީގެން ލާ ހެދުންތޯ ސުވާލުކުރައްވާފައެވެ. މި ސުވާލާ ގުޅިގެން ވައްޑެ ވަނީ މަދަދާއަށްޓަކައި ކެބިނެޓުގައިވެސް ހާއްސަ ސްލޮޓެއް ރައީސް ހާއްސަކުރައްވާފައިވާ ކަމަށް ބުނެ، އެ ސްލޮޓު ވެސް ގެއްލޭނީ ނަރީޝްއާ ހެދިކަމަށް ލަފާކުރައްވާފައެވެ.
މިއީ ދިވެހި ޒުވާން އަންހެނަކު، އޭނާގެ މަސައްކަތުން އޭނާގެ ހުވަފެންތައް ސީދާ ކުރާ ތަން ބަލަން ކެތް ނުވަނީއޭ ބުނުމަކީ ގޯހެއް ނޫންކަން ޔަގީނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ޑިމޮކްރަސީއެއްގެ އަސާސީ ސިފައެކެވެ. ކޮންމެ ނޫސްވެރިއަކީވެސް އެމީހެއްގެ މަސައްކަތް ފަޚުރުވެރިކަމާއެކު ކުރުމުގެ ޙައްޤު ލިބިގެންވާ ބައެކެވެ. އެއްވެސް ބާވަތެއްގެ ފުރައްސާރައަކާ ނުލައި މަސައްކަތްކުރުމުގެ ޙައްޤު ކޮންމެ ނޫސްވެރިއަކަށްމެ ލިބިގެންވެއެވެ. މިކަން ކަށަވަރުކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ.

