ރ. ކިނޮޅަހުގައި ފުލުހުންގެ ޕޯސްޓެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޕޯސްޓު ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.
ރައީސްގެ އިސްނެންގެވުމާއި އިރުޝާދުފުޅުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުގައި ނުފެށި ހުރި ބައެއް މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
690 މީހުންގެ އާބާދީއެއް ދިރިއުޅޭ ކޮނޮޅަހުގައި މި ފެށިގެންދާ މަޝްރޫޢުގެ ދަށުން އެއް ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. މި އިމާރާތުގައި ފުލުހުންގެ ޕޯސްޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކުރެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
އެމްޓީސީސީން ފާހަގަކުރާ ގޮތުގައި މި މަޝްރޫޢު ފުރިހަމަވުމުން ކޮނޮޅަހު ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކާއި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުރިން ފުލުހުންގެ ޕޯސްޓު ނެތް ބައެއް ރަށްރަށުގައި މިހާރު ވަނީ ޕޯސްޓު ގާއިމްކޮށްފައެވެ. އަދި އިތުރު ރަށްރަށުގައިވެސް މި މަސައްކަތް ދަނީ ކުރިއަށެވެ.

