ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލްގެ މައްސަލަގައި ހެއްކާ ގަރީނާ ލިބޭ ވަރަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދިޔަ ފަސްވަނަ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ފުލުހުން އެންމެ ފުރަތަމަ އަމަލުކުރީ ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ ރިޕޯޓް ލިބިގެން އެކަމަށް ކަމަށާއި، ޔުމްނުއަށް އެންމެ ފުރަތަމަ ދޭންޖެހޭ މެޑިކަލް އަޅާލުން ދިން ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ސީން ޕްރޮސެސް ކުރުމަށްފަހު އެކަން ހިނގި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ފަށައި، އެ ސީންއިން ފެނުނު ރައުދު ގެނެސް، މަސްތުވާތަކެއްޗަށް ޓެސްޓް ކުރެވުނު ކަމަށާއި މަސްތުވާތަކެތީގެ މައްސަލައަށް ތަހުގީގު ފެށި ކަމަށެވެ.
“ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބޭ ހެކިތަކުގެ މައްޗަށް ބަލާފައި ކުރިއަށްދާ ތަހުގީގެއް. އަޅުގަނޑުމެންގެ ހިތު ލަފަޔަށް، ހީކުރާ ގޮތަށް އަދި އުންމީދު ކުރާ ގޮތަށް ކުރާ ކަންކަމެއް ނޫން އެއީ،” އިހުސާން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ރައުދުއާ ސުވާލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ. އަދި ކޮމިޝަނުގެ ރިޕޯޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ވާހަކައެއް ނެތްނަމަ، އެ ރިޕޯޓު އެއްކޮށް ހާމަކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޔުމްނު މިހާރު ވަނީ މެލޭޝިއާގައި ފަރުވާ ހޯއްދަވަމުންނެވެ. އާއިލާއިން ދޭ މައުލޫމާތުން، ޔުމްނުގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށާއި، ހޭއަރައި ހާދިސާ ހިނގި ގޮތް ކިޔައިދީފައިވާ ކަމަށާއި، އަމިއްލައަށް ފުންމާނުލާ ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

