ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރެވި، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 3 ގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ގދ. ފިޔޯރީ، ފ. ނިލަންދޫ އަދި ޅ. ފެލިވަރުގައި މަސްކިރާ ކާރުޚާނާތައް ޤާއިމްކުރެވޭނެއެވެ.
ފިޔޯރީ ފެކްޓްރީން ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރައްވައި، މި ތިން ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި، ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލް 8 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
“ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތް މިހާރު މިވަނީ ގާތްގަނޑަކަށް ނިމި، އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ހުއްދަ ދެ ދުވަހެއްގެ ތެރޭގައި ލިބޭނެކަމަށް އުންމީދުކުރަން،” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންސެޝަނަލް ލޯނު ލިބޭނެކަމަށް އެއްބަސްވެފައިވާ މަޝްރޫޢުތަކެކެވެ. މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދުކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

