ޖުޑީޝަރީއަށް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ބަންޑާރަ ނާއިބު އަޙްމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ. މިއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދާއި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ ތުހުމަތުތަކަށް ރައްދު ދެއްވުމުގެ ގޮތުން "އަހާ" ފޯރަމްގައި ދެއްކެވި ވާހަކަފުޅެކެވެ.
ބަންޑާރަ ނާއިބު އުޝާމް ވިދާޅުވި ގޮތުގައި ސުޢޫދަކީ ސިޔާސީ ބޭފުޅެއް ކަމަށްވާތީ، އެފަދަ ސިޔާސީ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. "ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދަކީ ސިޔާސީ ބޭފުޅެއް. ސިޔާސީ ވާހަކަ އެ ބޭފުޅާ ދައްކަވާނެ،" އުޝާމް ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، ބަންޑާރަ ނާއިބު ވަނީ ސުޢޫދު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ މެސެޖުތަކާއި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ނުފޫޒު ފޯރުވީ ކޮން ފަރާތަކުންކަން ސާފުވާނެ ކަމަށް ވިދާޅުވެފައެވެ. "ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި އޮންނާނީވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާނީ އެ ބޭފުޅާ،" އުޝާމް ވިދާޅުވި އެވެ.
މީގެއިތުރުން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ، އެޖެންޓެއް ފޮނުވައިގެން އިންޒާރު ދެއްވި ކަމުގެ ތުހުމަތު ވެސް ބަންޑާރަ ނާއިބު ވަނީ ދޮގުކުރައްވާފައެވެ. އުޝާމް ވިދާޅުވި ގޮތުގައި އެޖެންޓެއް ކަމަށް ބުނާ ފަރާތަކީ އެ ދެ ބޭފުޅުންގެ ވެސް އެކުވެރިއެކެވެ.
ބަންޑާރަ ނާއިބު އުޝާމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަދި ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ، މި މައްސަލައިގައި ކޮންމެ ދުވަހަކު ވެސް ޖަވާބުދާރީ ވެވަޑައިގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

