މި އަހަރުގެ އަޟްޙާ ޢީދު ހަރަކާތްތައް ކުލަގަދަކޮށް ގްރޭޓާ މާލޭ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ޓަކައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން މިއަދުވަނީ ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް)، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، އެލައިޑް ކޮމްޕެނީ ލިމިޓެޑްގެ އިތުރުން އޫރިދޫ މޯލްޑިވްސް އާއިއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ.
މިދިޔަ އަހަރެކޭވެސް އެއްފަދައިން މި އަހަރުވެސް ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު އެކި ރަށްރަށުގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް އެދި ޕްރޮޕޯޝަލް ހުށަހެޅުމަށް މި ވުޒާރާގެ ފަރާތުން ހުޅުވާލި ފުރުޞަތުގައި ގިނަ ރަށްތަަކަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.
މުސްލިމުންގެ ބޮޑު ޢީދު ނުވަތަ ޢީދުލް އަޟްޙާއަކީ ދުނިޔޭގެ އެންމެހައި މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާ ކިޔުމުގެ ދުވަހެވެ. ދުނިޔޭގެ ހުރިހާ މުސްލިމުން އެބައިމީހުންގެ ވެރި އިލާހުގެ މަތިވެރި ނިޢުމަތް ކަމަށްވާ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށްޓަކައި ﷲ އަށް ޙަމްދުކޮށް ތަކުބީރުކިޔާދުވަހެވެ.
ތާރީޚީ ފަތްފުށްތަކުން އެނގޭ ގޮތުގައި އެވޭލާ ޒަމާނުއްސުރެ ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މީސްތަކުން އައީ ޢީދުކޮށް އުފާފާޅުކުރަމުންނެވެ.

