ގަސްތަކުގައި އަޅާ ކޫޑިތަކުގެ މައްސަލަ ހައްލުކުރުމަށް ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ދިރާސާތައް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި އާންމުންގެ ފަރާތުން ދަނޑުވެރިކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން ކޫޑި އެޅުމުގެ މައްސަލައަށް ހައްލެއް ހޯދުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވި ގޮތުގައި ކޫޑިތަކުގެ މައްސަލަ ހައްލުކުރުމަށް ޗައިނާގެ އެގްރިކަލްޗަރަލް ސެންޓަރަކުން ގަސްތަކަށް ޖަހާ ބޭސްތަކެއް ލިބިފައިވާ ކަމަށާއި، މި ތަކެތި އަވަހަށް ރަށްރަށަށް ފޯރު ކޮށްދެވޭނެ އެވެ. މީގެ އިތުރުން، ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ މިނިސްޓްރީގައި އެބަހުރި ލީފްލެޓްސް، އިންފޮމޭޝަން ހިއްސާ ކުރެވޭނެ. އެކި އަތޮޅުތަކުން އެކި ރަށްރަށުން މަޢުލޫމާތު ބޭނުން ފުޅުވެގެން ވަރަށް ގިނައިން އީމެއިލް އާދޭ. އަޅުގަނޑުމެން މިދަނީ ލީފްލެޓްސްތައް ހިއްސާ ކުރަމުން. އަދި އަޅުގަނޑުމެންގެ ސޯޝަލް މީޑިއާތަކުން، ޓިކްޓޮކް، އެކްސް އަދި ފޭސްބުކްއިން ވެސް މިދަނީ މައުލޫމާތު ހިއްސާ ކުރަމުން،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މި މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެކެވެ. އަދި ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މަސައްކަތް ކުރާ އުސޫލުން، ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމު ކުރުމަށެވެ.
މެޕް ޕްރޮޖެކްޓްގެ ދަށުން ހދ، ހއ އަދި ށ އަތޮޅުގައި ޕްރޮޖެކްޓްތަކެއް ހިންގަމުންދާ ކަމަށާއި، މި ޕްރޮގްރާމްތަކުގައި ދަނޑުވެރިންނަށް ސޮއިލް ޓެކްނޮލޮޖީ އަދި ގަސް ބަލަހައްޓާ، މާކެޓް ކުރުމާ ގުޅޭ ކަންތައްތައް ދަސްކޮށްދެމުންދާ ކަމަށްވެސް ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

