ދުވަސްތަކެއް ވަންދެން ޢިލްމު ހޯދުމަށްޓަކައި ޒުވާނަކު އެކި ޤައުމުތަކަށް ދަތުރުކުރިއެވެ. އޭނާ އެނބުރި ޤައުމަށް އައުމަށްފަހު، އޭނާ ކުރާ ތިން ސުވާލަކަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ ތަޖުރިބާކާރެއް ހޯދައިދިނުމަށް އޭނާގެ މައިންބަފައިން ގާތުގައި އެދުނެވެ. އެ ޒުވާނާގެ އެދުމާ އެއްގޮތަށް އޭނާގެ މައިންބަފައިން ދީނީ ޢިލްމުވެރިޔަކާ އޭނާ ބައްދަލުކޮށްދެއްވިއެވެ.
ޒުވާނާ: ތިޔައީ ކޮންބޭފުޅެއްތޯ؟ އަޅުގަނޑުގެ ސުވާލުތަކަށް ޖަވާބު ދެއްވިދާނެތޯ؟
ޢިލްމުވެރިޔާ: އަހަންނަކީ ﷲ (ޞުބުޙާނަހޫ ވަޠަޢާލާ)ގެ އަޅުތަކުންގެ ތެރެއިން އަޅެއް. އިންޝާﷲ ހުރިހާ ސުވާލުތަކަށްވެސް ޖަވާބު ދެވޭނެ.
ޒުވާނާ: ޔަޤީންތޯ؟ އެތަކެއް ޕްރޮފެސަރުންނާއި ތަޖުރިބާކާރުންނަށް އަޅުގަނޑުގެ ސުވާލުތަކަށް ޖަވާބެއް ނުދެވުނު.
ޢިލްމުވެރިޔާ: ﷲ (ޞުބުޙާނަހޫ ވަޠަޢާލާ)ގެ އެހީތެރިކަމާއެކު އަހަރެންނަށް ދެވުނު އެންމެ ފުރިހަމައަށް ޖަވާބު ދިނުމަށް މަސައްކަތް ކުރާނަން
ޒުވާނާ: އަޅުގަނޑުގެ ތިން ސުވާލު އެބައޮތް:
1- ކަލަކު ވޮޑިގެންވޭތޯ؟ ކަލަކު ވޮޑިގެންވާނަމަ އެކަލާނގެ ހުންނަ ސިފަ އަޅުގަނޑަށް ދައްކާ ދެއްވިދާނެތޯ؟
2- ތަޤްދީރަކީ ކޮބައިތޯ؟
3- ޝައިޠާނާ އުފައްދަވާފައިވަނީ އަލިފާނުންކަމުގައިވާނަމަ، ޝައިޠާނާ ނަރަކައަށް އެއްލާލެވެނީ ކީއްވެގެންތޯ؟ ނަރަކައަކީ ވެސް އަލިފާނުން އުފައްދަވާފައިވާ ތަނެއްނޫންތޯ؟ ހަމަގައިމުވެސް ނަރަކަ އޭނާއަށް ޢަޒާބަކަށް ނުވާނެނޫންތޯ؟ އެއީ ޝައިޠާނާއާއި ނަރަކަވެސް ހައްދަވާފައިވަނީ އަލިފާނުން. ﷲ (ސުބުޙާނަހޫ ވަޠަޢާލާ) އެކަން ދެނެވޮޑިގެންވާނެ ނޫންތޯ؟
އެވަގުތު ކުއްލިއަކަށް ޢިލްމުވެރިޔާ އެ ޒުވާނާގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިއެވެ.
ޒުވާނާ (ތަދު އިޙްޞާޞް ކުރެވެމުން): ކީއްވެތޯ އަޅުގަނޑުދެކެ ކޯފާވީ؟
ޢިލްމުވެރިޔާ: ރުޅިއެއް ނާންނަން. އަހަރެން މިދިނީ ކަލޭ ކުރި ތިން ސުވާލުގެ ޖަވާބު.
ޒުވާނާ: އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނުނު.
ޢިލްމުވެރިޔާ: އަހަރެން ޖެހުމުން ކޮންކަހަލަ އިޙްޞާސެއް ކުރެވުނީ؟
ޒުވާނާ: ޔަޤީނުންވެސް ތަދު އިޙްޞާސްވި
ޢިލްމުވެރިޔާ: އެހެންވީމާ، ތަދަކީ ވާ އެއްޗެއްކަމަށް ޤަބޫލުކުރަންދޯ؟
ޒުވާނާ: އާދެ!
ޢިލްމުވެރިޔާ: ތަދު ހުންނަ ސިފަ އަހަންނަށް ދައްކައިދީބަލަ!
ޒުވާނާ: ނުދެއްކޭނެ
ޢިލްމުވެރިޔާ: ތިއީ އަހަރެންގެ ފުރަތަމަ ޖަވާބު. އަހަރެމެން އެންމެންނަށްވެސް ﷲ (ސުބުޙާނަހޫ ވަޠަޢާލާ) ވޮޑިގެންވާކަން އިޙްޞާސް ކުރެވޭ! އެކަލާނގެ ސިފަ ނޭނގުނު ކަމުގައި ވިޔަސް………..ރޭގައި ހުވަފެނެއް ފެނުނުތަ އަހަރެން ކަލޭގައިގައި ޖަހާތީ؟
ޒުވާނާ: ނޫން
ޢިލްމުވެރިޔާ: އެއްވެސް އިރެއްގައި ހިތަށްއެރިތަ އަހަރެން ކަލޭގައިގައި މިއަދު ޖަހާނެކަމަށް؟
ޒުވާނާ: ނޫން
ޢިލްމުވެރިޔާ: އެއީ ތަޤްދީރު، އަހަރެންގެ ދެވަނަ ޖަވާބު………އަހަރެން ކަލޭގައިގައި ޖަހަން ބޭނުންކުރި އަހަރެންގެ އަތް އުފައްދަވާފައިވަނީ ކޮން އެއްޗަކުން؟
ޒުވާނާ: އަތް އުފައްދަވާފައިވަނީ މަހުން.
ޢިލްމުވެރިޔާ: ކަލޭގެ މޫނު ހައްދަވާފައިވަނީ ކޮން އެއްޗަކުން.
ޒުވާނާ: މަހުން
ޢިލްމުވެރިޔާ: އަހަރެން ޖެހުމުން ކޮން އިޙްޞާސެއް ކުރެވުނީ؟
ޒުވާނާ: ތަދު
ޢިލްމުވެރިޔާ: ތިއީ އަހަރެންގެ ތިންވަނަ ޖަވާބު. ޝައިޠާނާ އާއި ނަރަކަ އަލިފާނުން ހައްދަވާފައިވީ ކަމުގައިވިޔަސް ﷲ (ސުބުޙާނަހޫ ވަޠަޢާލާ) އިރާދަކުރައްވައިފިނަމަ، (އިންޝާﷲ) ނަރަކަ ވެގެންދާނީ ޝައިޠާނާއަށް ވޭންދެނިވި ޢަޒާބު ހުރިތަނަކަށް.
(ލިޔުނީ؛މުޙައްމަދު ވިދާން ޝާކިރު/ ލިޔުންތެރިންގެ ގުޅުން)

