މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ކުރީގައި ހުންނެވި މުހައްމަދު ފަޒީން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން އެ ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވިއެވެ.
އެ 10 ބޭފުޅުންގެ ނަންތައް ކޮމިޓީން ދިރާސާކޮށްފައެވެ. އެއަށްފަހު އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ.

އެންމެ މަތިން މާކްސް ލިބިފައިވަނީ މީގެ ކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރެއްވި ޒީނާ އަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒީނާ ބްރޯޑްކޮމްގައި ހުންނެވިއިރު، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު އޭނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށެވެ.
މާކްސް ދިނުމުގައި 75 ޕަސެންޓް ނުލިބޭ ފަސް ބޭފުޅުންނަކީ އިބްރާހިމް އަޝްރަފް، ވ. މަށިވެލި، އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު، މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ، އަހުމަދު ޒާހިރު، ހ. ސަންދަލީގެ އިތުރުން ފާތިމަތު ޒައީމާ، އޯކިޑުމާގެ، ށ. ފީވައް، އެވެ.

