ހުޅުމާލެއިން ކާރެއްގައި އުޅުނު މީހަކު 84 ފުޅި ބަނގުރަލާއެކު ރޭ ދަންވަރު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ ގ. ލާމިގެ، 46 އަހަރުގެ މުޙައްމަދު އުޝާން ވަނީ ހައްޔަރުކޮށްފައެވެ.
ރޭ ދަންވަރު ހިންގި މި އޮޕަރޭޝަނުގައި އަމީން އެވެނިއު މެޕަލް ފްލެޓް އިމާރާތް ކުރިމަތިން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު، ކާރުގެ ޑިކީ ތެރެއިން ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ފެނުނެވެ. އަދި އެ ފޮށިގަނޑުތައް ބަލައި ފާސްކުރުމުން 84 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކާރު ދުއްވި ފަރާތް ހައްޔަރުކުރުމުގެ އިތުރުން، އެ ކާރުވެސް ވަނީ ޓޯވކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

