ޕީއެންއެފް ޕާޓީން ބޭއްވި ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިޔާ ފާތުމަތު މަދަދާއަށް ފުރައްސާރަކޮށްފައިވާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް އެކި ޕްލެޓްފޯމުތަކުގައި އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ކަންބޮޑުވުންތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ވަކި ޖިންސަކަށް އަމާޒުކޮށް ދޭ އެފަދަ ފިނޑި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސަންގު ޓީވީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މަދަދާއަށް އަމާޒުކޮށް ޕީއެންއެފުން ދެއްކި ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ “ދިވެހި މީޑިއާގެ މުސްތަގުބަލަށް ނުރައްކާވެ، އިތުބާރު ގެއްލެން މަގުފަހިވާނޭ ކަމެއް” ކަމަށެވެ.
އެމްއެމްސީން އިތުރަށް ފާހަގަކޮށްފައިވަނީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަށް ގަނާ ކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްދާނެ ފަދަ އަމަލެއް ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރާއިރު ޒާތީ ތައައްސަބުން އެއްކިބާވެ، ޒިންމާދާރުކަމާ އެކު އެ މިނިވަންކަމުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން އެމްއެމްސީން ވަނީ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކޮށް، އެފަދަ ކަންތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

