ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިފަހަރު ހުޅުވާލާފައިވަނީ ޕީއެޗްޑީގެ 14 ފުރުޞަތާއި މާސްޓަރސްގެ 25 ފުރުޞަތެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިކަން އިޢުލާންކުރަމުން ބުނެފައިވަނީ، މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ޗައިނާ ސަރުކާރުންކަމަށެވެ. މީގެ ތެރޭގައި ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް، އަދި ދެކޮޅު ޓިކެޓް ހިމެނެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން ކުރިމަތިލާ ފަރާތްތަކަކީ އެދޭ ކޯހާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ، އަދި ސެޕްޓެމްބަރ 2025ގެ ނިޔަލަށް އުމުރުން 45 އަހަރު ނުފުރޭ ފަރާތްތަކަށް ވާންޖެހެއެވެ.
މީގެއިތުރުން، ކުރިމަތިލާ ފަރާތްތަކުން އެޕްލައިކުރާ ޔުނިވަރސިޓީން ކަނޑައަޅާފައިވާ ޝަރުތުތައްވެސް ފުރިހަމަވާންޖެހޭނެއެވެ. ސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ ވުޒާރާގެ ޕޯޓަލް myedu.egov.mv މެދުވެރިކޮށް، މޭ މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށެވެ.

