ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިތުރު 4 މީހަކަށް ދަޢުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލަ އިއްޔެ ވަނީ އެ އޮފީހަށް ހުށަހަޅާފައެވެ. އަދި މައްސަލަ ބަލައިގަތުމަށްފަހު، 15 ދުވަހުގެ ތެރޭގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތުގެ ދަށުން، މި އަހަރުގެ މާރޗް 12 ވަނަ ދުވަހު މާފަންނު ސަރަޙައްދުގެ ގެއެއްގައި ދިރިއުޅެމުންދިޔަ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަކީ ޝަމްޢާންގެ އެނގުމާއެކު ހިންގި އޮޕަރޭޝަނެއް ކަމަށް ވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ބިދޭސީންގެ ތެރެއިން އެކަކު ވަނީ "އަރޖެންޓް" ކަމެއްގެ ގޮތުގައި ދައްކައި، ޝަމްޢާންގެ އިރުޝާދުގެ ދަށުން ދޫކޮށްލާފައެވެ.
އިތުރު ތަފްސީލުތަކަށް ބަލާއިރު، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ އެހެން އޮފިސަރަކު އޭނާގެ އަތުން ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާކަން ތަޙުޤީޤަށް ހާމަވެފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރުމުގައި 257,475 ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރުގެ އިތުރުން އެހެނިހެން ބޭރު ޤައުމުތަކުގެ ފައިސާވެސް ފެނިފައިވެއެވެ.
މި މައްސަލަ ސަމާލުކަމަށް އައުމާއެކު، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުން ވަކިކުރެވިފައެވެ. މި މައްސަލައިގައި ދަޢުވާ ކުރެވޭ ފަރާތްތަކާމެދު ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ގޮތެއް އާންމުކޮށް އަންގާނެ ކަމަށް ބެލެވެއެވެ.

