އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ހިމެނޭ ގޮތަށް، އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދުރާލާ ރާވައިގެން ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޒްމަތު އަބްދުﷲ ވިދާޅުވީ މި މައްސަލައިގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނަކީ ދުރާލާ ރާވައިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
މި މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން (36) ހިމެނޭގޮތަށް 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މީހުންގެ ތެރޭގައި މުޙައްމަދު އަލްސަން އިސްމާއީލް (21)، އިބްރާހިމް އަޙްމަދު (37)، ޙަސަން ސަހެޝާން (47) އަދި އަޙްމަދު ލައްސާނު (40) ހިމެނެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އޭގެ އެއް ދުވަސް ފަހުން ޝަމްއާންގެ އަމުރަށް 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޗީފް އިންސްޕެކްޓަރ އަޒްމަތު އިތުރަށް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ހޯދައި، ގިނަ ބައެއްގެ ބަޔާން ނަގައި، ކޯޓު އަމުރުގެ ދަށުން ފޯނުތައް ބަލައި، އެކި ގޮތްގޮތުން މައްސަލައާ ގުޅޭ ހެއްކާއި ޤަރީނާ ވަނީ ހޯދާފައެވެ.
މި މައްސަލައަކީ ރާއްޖޭގެ އިމިގްރޭޝަން ދާއިރާގައި ހިނގާފައިވާ ބޮޑު ކޮރަޕްޝަން މައްސަލައެއްގެ ގޮތުގައި ފުލުހުން ދެކޭ ކަމަށާއި، މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

