ބިދޭސީން އެތެރެކޮށް މަނީލޯންޑަރިންގ ހިންގި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖެ އެތެރެކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދާ މަނީލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސެއިން ހައްޔަރުކޮށް، އޭނާގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ މައްސަލަ ފޮނުވައިފައެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، މި މައްސަލައަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތަޙުޤީޤު ކުރަން ފެށި މައްސަލައެކެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ގިނަ ބަޔަކާ ސުވާލުކޮށް، ޝަހާދަތު ހުސެއިންގެ މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތައް ހިފަހައްޓައި، އެ ތަކެތިން ހެއްކާއި ޤަރީނާ ހޯދާފައިވެއެވެ.
ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، ޝަހާދަތު ހުސެއިން 2014 އިން ފެށިގެން ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެފައިވެއެވެ. 2019 ގައި މާލެ އައިސް ބޭންކް އޮފް މޯލްޑިވްސްގައި ހަތަރު އެކައުންޓް ހުޅުވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރު އެކައުންޓެކެވެ. އޮފީސް ބޯއީއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، އޭނާއަށް 3,000 ޑޮލަރުގެ މުސާރައެއް ލިބެމުން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، "ޝަހާދަތު ހުސެއިން މި މަސައްކަތް ކުރަމުން ގެންދިޔައީ ދިވެހީންގެ ގިނަ ބަޔަކާއި، މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ ބަޔަކާ ގުޅިގެން" ކަން އޭނާގެ ފޯނުން ފެނުނު ޗެޓް ލޮގްތަކާއި ޑޮކިއުމަންޓްތަކުން ހާމަވެފައިވެއެވެ. މި މައްސަލައިގައި ޝާމިލްވާ ދިވެހީންނާ ގުޅުންހުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

