ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ކުވެއިތުގެ ބޮޑުވަޒީރުގެ މަޤާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް ސަބާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި އިޙްތިރާމްގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ އަމީރު، ޝައިޚް މެޝަލް އަލް-އަޙްމަދު އަލް-ޖަބިރު، އަލް-ސަބަޙް އަދި ކުވޭތުގެ ވެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވާއިރު، މި ޒިޔާރަތުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުކަން ފާހަގަކޮށް، ދެ ގައުމުގެ ދެމެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
ހަމައެއާއެކު، ދިވެހިރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވެއިތު ސަރުކާރުން ފޯރުކޮށްދެއްވަމުންގެންދަވާ އެހީތެރިކަމަށް ކުވެއިތުގެ އިސްފަރާތްތަކާއި، ސަރުކާރުގެ އިސްވެރިންނަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ޝުކުރުއަދާކުރެއްވިއެވެ. އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވެއިތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ދެއްވި އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މިއާއެކު، ކުވެއިތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ ފަޙަދު ޔޫސުފު ސަޢުދު އަލް ސަބާ ވަނީ ދިވެހިރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިގުޅުން އިތުރަށް ބަދަހި ކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކުވެއިތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒް ޝަރީދާ ޢަބްދުﷲ ސާދު އަލް-މައުޝަރީ، ޕްރައިމް މިނިސްޓަރ އޮފީހުގެ ޗީފް، ޢަބްދުލް އަޒީޒު ދާޚިލް އަލް-ދާޚިލް އަދި އެސިސްޓަންޓް ފޮރިން މިނިސްޓަރ ފޮރ އޭޝިއަން އެފެއާޒް، ސާމިޙު އީޞާ ޖައުހަރު ހަޔާތު ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.
މި ދަތުރުފުޅަކީ ކުވޭތުގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް މިމަހުގެ 12 އިން 15 އަށް ކުރައްވާ ދަތުރުފުޅެކެވެ.

