ނާޖާއިޒު ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދާމެދު ފުލުހުން ތަފާތު ގޮތަކަށް އަމަލުކުރަމުންދާކަމަށް ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.
މިއަދު ހަވީރު ދިވެހި ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަމްއާން ހައްޔަރުކޮށްފައިވަނީ އެ މައްސަލާގައި ތުހުމަތުވާ އިމިގްރޭޝަންގެ އެހެނިހެން މުވައްޒަފުން ހައްޔަރުކުރި ފަހުން ކަމަށް އެ ހިދުމަތުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑީސީޕީ އަބްދުﷲ ޝަރީފު ވިދާޅުވީ، “ޝަމްއާނުގެ ހައްޔަރާ ހަމައަށްދިޔައީ އެހައި ހިސާބުން ބަލަންޖެހޭ ކަންކަން ބަލާފައި އެވަރަށް ހެއްކާ ގަރީނާ ލިބުމުން އެހިސާބުން” ކަމަށެވެ.
އަދި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދާމެދު ފުލުހުން އަމަލުކުރި ގޮތާއި ޝަމްއާނާމެދު އަމަލުކުރާ ގޮތުގައި ތަފާތުތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ ސާފު ޖަވާބެއް ދީފައެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ކޮންމެ މައްސަލައެއްގައިވެސް އަމަލުކުރަމުންދަނީ އެ މައްސަލައެއްގައި ހެކި ގަރީނާ ލިބޭ މިންވަރަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފަޒުލްގެ މައްސަލާގައިވެސް އަމަލުކުރަމުންދަނީ އެ މައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ގަރީނާއަށް ބަލައިގެން ކަމަށާއި، ޝަމްއާނާމެދު އަމަލުކުރަމުންދާ ގޮތްވެސް ބަރޯސާވަނީ ހެކި ލިބޭ މިންވަރުގެ މައްޗަށް ކަމަށެވެ.

