ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް، ޚާއްސަކޮށް މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރ (އައިއެފްސީއޭސީސީ) އިން ތައުރީފުކޮށްފިއެވެ.
އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރ ރިޟްވާ ޝަރީފް މި ތައުރީފު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ނަވީން ވަނީ އައިއެފްސީއޭސީސީއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހަނދާނީ ފިލައެއް ރިޟްވާއަށް އަރުވާފައެވެ.
އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ މާލޭގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ރާއްޖޭގައި މާލީ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ފުލުހުންނާއި އައިއެފްސީއޭސީސީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިންޓަޕޯލުން ދެއްވާ އެހީތެރިކަމުގެ މުހިންމުކަމަށް ޑެޕިއުޓީ ކޮމިޝަނަރ ނަވީން އަލިއަޅުވާލެއްވިއެވެ.
ރިޟްވާ ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެއްގައި އިންޓަޕޯލް ތަމްސީލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އިންޓަޕޯލްގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ރިޟްވާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އިންޓަޕޯލަށް ސެކަންޑްކޮށްފައިވާ އޮފިސަރެކެވެ.
މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެފްސީއޭސީސީން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޑެޕިއުޓީ ކޮމިޝަނަރ ނަވީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

