ކަދުރަކީ އިސްލާމީ ސަޤާފަތުގައި ވަރަށް މުހިންމު މަޤާމެއް ދެވިފައިވާ މޭވާއެކެވެ. ނަމަވެސް ގިނަ ބަޔަކު ކަދުރު ކެއުމަށްފަހު އެއްލާލާ އޮށަކީވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެން ހުރި އެއްޗެކެވެ. މިއަދުގެ ފަތިސްތަރީގައި އަލި އަޅުވާލާނީ ކަދުރުއޮށުގެ ފައިދާތަކާއި، އޭގެ ބޭނުން ކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ.
ކަދުރުއޮށަކީ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ބާވަތެކެވެ. ކަދުރުއޮށުގައި ގިނަ އަދަދަކަށް ޕޮލިނޯލްސް އަދި ފްލެވަނޯއިޑްސް ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވެއެވެ. މި ބާވަތްތަކަކީ ހަށިގަނޑުގެ ސެލްތައް ގެއްލުންތަކުން ރައްކާތެރި ކޮށްދޭ، އަދި ހިތުގެ ބަލިތަކާއި، ހަކުރު ބަލި އަދި ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ފައިދާ ކޮށްދޭ ކަދުރުއޮށުގައި ފައިބަރުގެ މިންވަރު ވަރަށް މަތިވެއެވެ. މިކަމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ވައިގެ މައްސަލަ ހައްލުވެއެވެ. އަދި ބަނޑުގައި ދިރިއުޅޭ ފައިދާހުރި ބެކްޓީރިއާތަކަށްވެސް މި ފައިބަރުގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރެއެވެ.

ކަދުރު ކެއުމަށްފަހު އެއްލާލާ އޮށަކީވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެން ހުރި އެއްޗެކެވެ—-ފޮޓޯ:ޑޭޓްސީޑް ބެނެފިޓްސް
ކަދުރުއޮށުން ނަގާ ތެލަކީވެސް ހަމުގެ ސިއްޙަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މި ތެލުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ހަންގަނޑު އޮމާންކޮށް ތާޒާކަންމަތީ ބެހެއްޓުމަށާއި، އުމުރުން ދުވަސްވުމުގެ އަލާމާތްތައް ލަސްކުރުމަށް އެހީތެރިވެދެއެވެ. އަދި އަވީގެ ގެއްލުންތަކުން ހަން ރައްކާތެރިކޮށްދެއެވެ.
ކަދުރުއޮށުން ނަގާ ތެޔޮ ބޭނުންކުރުމުން އިސްތަށިގަނޑުގެ އޮފްކަން ގަދަވެ، އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ. މީގެ އިތުރުން ބޮލުގެ ހަމުގެ ސިއްޙަތަށް ވެސް މި ތެލުން ވަރަށް ބޮޑު ފައިދާތަކެއް ކުރެއެވެ.
ކަދުރު ޕައުޑަރު، ކަދުރު ފުށް ތައްޔާރުކުރާނެ ގޮތް:
ކަދުރު ޕައުޑަރު، ކަދުރު ފުށް ތައްޔާރުކުރުމަކީ ފަސޭހަ ކަމެކެވެ. އެންމެ ފުރަތަމަ، ރަނގަޅު ފެންވަރެއްގެ ކަދުރު ހޮވައި، ރަނގަޅަށް ދޮވެ ސާފުކުރަންވާނެއެވެ. ދެން ކަދުރު ހިއްކަން ޖެހެއެވެ. މިކަމަށް ފުޑް ޑިހައިޑްރޭޓަރ، އަވަން ނުވަތަ އެއަރ ފްރަޔަރ ބޭނުންކުރެވިދާނެއެވެ. އެންމެ އާންމުކޮށް ބޭނުންކުރާ ގޮތަކީ 52 ޑިގްރީ ސެލްސިއަސްގައި 24 ގަޑިއިރު ވަންދެން ހިއްކުމެވެ.

ކަދުރު ކެއުމަށްފަހު އެއްލާލާ އޮށަކީވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެން ހުރި އެއްޗެކެވެ—-ފޮޓޯ:ޑޭޓްސީޑް ބެނެފިޓްސް
ކަދުރު އޮށުގައި ކަދުރު ފުށް ހެދުމާއި އޭގެ ޝަރުބަތު ތައްޔާރުކުރާނެ ގޮތް:
ކަދުރުއޮށްތައް ރަނގަޅަށް ދޮވެ ސާފުކޮށް ހިއްކުމަށްފަހު، ފުނޑުކުރުމަށްފަހު މިކްސްޗަރުން ރަނގަޅަށް ހިމުންކޮށް ފުށަށް ވާވަރު ވުމުން އެއްޗަކަށް ނަގައި، ބަންދުކުރެވޭ ކަހަލަ ސާފު ފުޅިއަަކަށް އަޅާފައި ބެހެއްޓިދާނެއެެވެ. އަދި ހޫނު ނޫން ތަނެއްގައި ބަހައްޓާށެވެ. އަދި ކަދުރުއޮށުގެ މި ޕައުޑަރު ނުވަތަ ކަދުރުއޮށުގެ ފުށް، ކިރާއެކު ބޭނުންކުރުމުން ކެފެއިން ނުހިމެނޭ، ފައިދާހުރި މަޝްރޫބެއް ތައްޔާރުކުރެވެއެވެ. މި މަޝްރޫބުގައި ކާފޫރުތޮޅި ނުވަތަ ފޮނިތޮށި އެޅުމުން ރަހަމީރު ބުއިމަކަށް ވެދާނެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކަދުރުއޮށުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ބެލެހެއްޓުމަށާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގެ އިންފްލަމޭޝަން މަދުކުރުމަށްވެސް މި އޮށުން އެހީތެރިވެދެއެވެ.
ކަދުރުއޮށަކީ އެއްލާލުމުގެ ބަދަލުގައި އޭގެ ފައިދާ ހޯދިދާނެ ޤުދުރަތީ ނިޢުމަތެކެވެ. އެތަކެއް ސިއްހީ އަދި މޫނާއި ގައިގެ ހަންގަނޑަށްވެސް އެހާމެ ފައިދާ ހުރި އެއްޗަކަށް ވާއިރު، ކަދުރު ކެއުމަށްފަހު އޮށް އެއްލާނުލައި، އޭގެ ފައިދާ ލިބޭ ގޮތަށް ބޭނުން ކުރުން ކީއްތޯއެވެ.

