ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މާދަމާ ގޮތެއް ނިންމުމަށް ތާވަލުކޮށްފިއެވެ. މި ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅީ އެ ކޮމިޝަނުން ކުރި ތަހުގީގަކަށް ފަހުގައެވެ.
ޖޭއެސްސީން ބެލި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަނޑިޔާރު މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ތަހުގީގުގައި ފަނޑިޔާރު މަހާޒު ވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި އެމަނިކުފާނުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު، ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވައިގެން މައްސަލައާ ގުޅޭގޮތުން ސުވާލުކުރެއްވިކަން އެއްބަސްވެވަޑައިގެންފައެވެ.
މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، “ފަނޑިޔާރު މަހާޒު ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރި ފަހުން” ކަމަށް ފަނޑިޔާރު ސޮފްވަތު ވިދާޅުވެފައިވެއެވެ. އަދި މަހާޒު ގުޅުއްވުމާ ގުޅިގެން، މައްސަލަ ކުރިއަށްދިޔަ ގޮތް ބެއްލެވުމަށް އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދު މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީއަށް ގާޒީ ސޮފްވަތު ގުޅުއްވިކަން ދެ ބޭފުޅުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ޖުޑީޝަރީ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ވަނީ، ޖޭއެސްސީން ފަނޑިޔާރުން ވަކިކުރުމަށް ނިންމާފައިވަނީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ފާސްކޮށްފައެވެ. މާދަމާގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓު އިއްވުމަށްފަހު، ފަނޑިޔާރުން ވަކިކުރުމާމެދު ވޯޓަށް އަހާނެއެވެ.
މި މައްސަލައިގެ ތަހުގީގު ފެށުނުއިރު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅޭ މައްސަލައެއްވެސް ތަހުގީގުކުރަން ފެށުނެވެ. އެ މައްސަލައިގެ ތަހުގީގު ފެށުމާ ގުޅިގެން ސަސްޕެންޑް ކުރެވުމުން، ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

