ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގައި “މޯލްޑިވްސް 2.0” އަށް ދިވެހިރާއްޖެ ބަދަލުކުރުމުގައި ދައްކަވާފައިވާ ހުނަރުވެރި ލީޑަރޝިޕަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވެފައިވަނީ މި މަޝްރޫޢުން ދައްކުވައިދެނީ ހާމަކަން ބޮޑު، ދެމެހެއްޓެނިވި އަދި އިޤްތިޞާދީ ގޮތުން ހަރުދަނާ މުސްތަޤްބަލަކަށް، ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށް ތައްޔާރުވެފައިވާ މިންވަރު ކަމަށެވެ. މިފަދަ މަސައްކަތްތަކުން ހާމަކޮށްދެނީ ކޮރަޕްޝަން ނައްތާލުމަށާއި، މަސައްކަތުގެ ހަރުދަނާކަން އިތުރުކުރުމަށާއި، ނިޒާމުތަކުގައިވާ ވަރުގަދަ ޖަވާބުދާރީވުމެއް ޤާއިމުކުރުމަށް އޮތް ވަރުގަދަ އަޒުމެއްކަމަށް ވަޒީރު ހާމަކޮށްފައިވެއެވެ.
މޯލްޑިވްސް 2.0″އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢު އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ.
މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ “މޯލްޑިވްސް 2.0” ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

