ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް “މޫސުމާ ބެހޭ ޤައުމީ އިދާރާ” މެޓުން ލަފާކޮށްފިއެވެ.
މެޓުން ބުނީ ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ.
މެޓުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް މެޓުން ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. ފުވައްމުލަކަށް 47.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

