ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ފުށިދިއްގަރުފަޅުގައި ފެށުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ވަޒީރާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލުތައް ޖަވާބު ދެއްވަމުންނެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން، ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާއެކު ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗްމަހުގައެވެ.
މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢުކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުށިދިއްގަރުފަޅުގައި ކަމަށާއި، މި މަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް މި މުއްދަތުގައިވެސް މި މަޝްރޫޢާ ގުޅޭ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ލާމު އަތޮޅުގައި ޕައިލެޓު ޕްރޮޖެޓެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

