ހުޅުމާލޭ މަސްރޭސް 60 އަށްވުރެއް ގިނަ ޓީމުތަކާއެކު "މައި ހުޅުމާލެ" މަސްރޭސް މާދަމާރޭ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރުފުރުން ފާހަގަކުރުމަށް، އެޗްޑީސީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މި މަސްރޭސް ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ވަނީ ފޯމު ހުށަހަޅާފައެވެ.
މަސް ރޭހުގައި ބައިވެރިވެގެން އެއްވަނަ އަށް ދާ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ މަސްރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ސްކޭޓް ސްކޭޕެ"އް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. މި ހަރަކާތް އޮންނާނީ، ހަވީރު 4 އިން ރޭގަނޑު 10އަށް ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ.

