އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެޗްޑީސީއިން ހުޅުމާލެ ދެވަނި ފިޔަވަހީގައި ބޭއްވި "ފެމިލީ ކާނިވަލް" ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ ގިނަ ޖަމުޢިއްޔާތަކެއް ވަނީ ބައިވެރިވެ، ބޮޑު ކާމިޔާބީއެއް ލިބިފައެވެ.
އެގޮތުން މި ކާނިވަލުގައި ވީލް ޗެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވެސް ވަނީ ބައިވެރިވެފައެވެ.
ވީލް ޗެއަރް އެސޯސިއޭޝަންގެ ފަރާތުން މި ވުޒާރާއަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ، މިފަދަ އިވެންޓެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކުރުމަށް ވުޒާރާއިން ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްފައެވެ. އަދި މިއީ ވަރަށް ފުރިހަމަ، ކާމިޔާބު އިވެންޓެއްކަމުގައިވެސް ފާހަގަކުރިއެވެ. އެއާއެކު، ވަރަށް ބައިވަރު ކުދިންނާއި ބޮޑެތި މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ސްޓޯލަށް ޒިޔާރަތްކޮށް، އެކި މަޢުލޫމާތު ސާފުކޮށްފައިވާކަމަށް އުފަލާއެކު ފާހަގަކުރިއެވެ.
ވީލް ޗެއަރ އެސޯސިއޭޝަންއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ.

