ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، އަދި ވިޔަފާރިވެރިޔާ މުޙައްމަދު ނަޒީރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދައްފަހު ކުރާގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ނަޒީރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިކަމަށެވެ.
ސ. ހުޅުދުއަށް އުފަން ނަޒީރު ނިޔާވީ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 10 ވަނަ ދުވަހު އިނގިރޭސިވިލާތުގައެވެ.
ނަޒީރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް “ސަންލޭންޑް” ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ފަށައި، އެދާއިރާއިން ނަޒީރު ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

