ޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތް ނިންމާ، އަންނަ ޖުލައި މަހުގެތެރޭ އެ ބިލު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ޑިޖިޓަލް މޯލްޑިވްސް ފޯރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމޭޑް) ޕްރޮޖެކްޓާ ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ 4 ވަނަ ޕިލާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"މި ބިލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން ނިންމާފަ މިވަނީ މިއަންނަ ޖުލައި މަހުގެ ތެރޭގައި މި ބިލުގެ ޑްރާފްޓުގެ މަސައްކަތް ނިމި، އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް،" ޑރ. ވަހީދު ވިދާޅުވިއެވެ.
ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ އިތުރުން، "ޑޭޓާ ޕްރޮޓެކްޝަން ބިލް" އަދި "ސައިބާ ސެކިއުރިޓީ ބިލް" ވެސް މިހާރު ވަނީ ޑްރާފްޓްކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިކަމަށް ޑރ. ވަހީދު ހާމަކުރެއްވިއެވެ.
ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ އެހީގައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

