ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޕްރޮގްރާމު ހިންގުމަށްޓަކައި، ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ނާސަރީއެއް ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން 55،000 އަކަފޫޓުގެ ބިމެއްގައި ނާސަރީއެއް ފަރުމާކޮށް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެޗްޑީސީންނެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މަޢުރޫފު ޖަމީލެވެ.
މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ނާސަރީގައި ލެބޯޓަރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި، އޮފީސް ބައެއްގެ އިތުރުން ގްރީންހައުސްއެއް ހިމެނޭނެއެވެ. ނާސަރީގެ ޑިޒައިންގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މި ނާސަރީއަކީ ރައީސްގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމަށާއި، އެ ޕްރޮގްރާމު ނިމުމަށްފަހުވެސް ބޭނުންކުރެވޭނެ ދާއިމީ ވަސީލަތެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ނާސަރީއެކެވެ.
ރައީސް މުޢިއްޒު ފައްޓަވާފައިވާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެކި ފަރާތްތަކުން 6.6 މިލިއަން ގަސް އިންދުމަށް އަހުދުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ރޭވިފައެވެ.

