ސައިކަލް ދުއްވަމުން ފޯނު ބޭނުންކުރަމުންދިޔަ މީހަކު ހޯދައި، އެފަރާތާމެދު ފުލުހުން ވަނީ ޤާނޫނީ ފިޔަވަޅު އަޅާފައެވެ. މިކަން ހާމަވެގެން ދިޔައީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާ ގުޅިގެންނެވެ.
ފުލުހުން މައުލޫމާތު ދެމުން ބުނީ، މި މައްސަލައިގައި ހިމެނޭ ފަރާތުގެ ސައިކަލު ވަނީ 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައި ކަމަށެވެ. އަދި އެމީހާ ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާގެ ޑްރައިވިންގ ލައިސަންސްވެސް ހިފަހައްޓާފައި ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެ ދައުރުވަމުންދިޔަ ވީޑިއޯގައި ފެންނަނީ މީހަކު ސައިކަލު ދުއްވަމުން، އެއްއަތުން ފޯނު ހިފަހައްޓައިގެން ފޯނަށް ބަލަމުންދާ މަންޒަރެވެ. އަދި މި ވަގުތު ސައިކަލުގެ ފަހަތުގައި އިތުރު މީހަކު އިން މަންޒަރުވެސް ވީޑިއޯގައި ފެނެއެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގެ ދަށުން، މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. އަދި ހަމައެހެންމެ ހެޑްސެޓް ބޭނުންކުރުމާއި، އެހެން މީހެއްގެ އެހީތެރިކަމާއެކު ފޯނުން ވާހަކަދެއްކުންވެސް ވަނީ މި ގަވާއިދުގައި މަނާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ.

