ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ “އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027” ގެ ފުރަތަމަ ސެޝަން މިއަދު ކިންގް ސަލްމާން މިސްކިތުގައި ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ޕޮލިޓިކަލް އެފެއަރޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް ޔުނިޓްގެ އިސްނެގުމާއެކު، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގެ މަޤްޞަދަކީ ދައުލަތުގެ މުވައްޒަފުންނާއި ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރެވޭ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު މަތިކޮށް، ޚިދުމަތް ދިނުމުގެ ޘަޤާފަތް ހަރުދަނާކުރުމެވެ.
ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދެވި ޢަފީފް ޙުސައިން ވަނީ “ލީޑިންގ އެންޑް ޓްރާންސްފޯމިންގ އަ ނޭޝަން ތްރޫ ސަރވިސް އެކްސެލެންސް ކަލްޗަރ” ގެ މައުޟޫޢުގައި މަޢުލޫމާތު ދެއްވާފައެވެ. މި ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރތަކާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ޕްރޮގްރާމްގެ ތެރެއިން ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ހައްލުކުރުމާއި، އިދާރީ އޮނިގަނޑަށް ގެނެވިދާނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ. މި ޕްރޮގްރާމަކީ 2025 އިން 2027 އަށް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.

