ޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ނޭޗާ ޕާކުން "ސަސްޓައިނަބަލް ޕްރެކްޓިސެސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ފޮޓޯ މުބާރާތެއް ބޭއްވުމަށް ނިންމައި، އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށާއި، މުބާރާތަށް ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކާ ގުޅޭ ފޮޓޯތަކެއް ކަމަށް އައްޑޫ ނޭޗާ ޕާކުން މައުލޫމާތު ދީފައިވެއެވެ. ކޮންމެ ބައިވެރިއަކަށްވެސް މުބާރާތަށް ދެ ފޮޓޯ ހުށަހެޅިދާނެއެވެ.
މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވާ ގޮތުން، އެއްވަނައަށް 3,500 ރުފިޔާ، ދެވަނައަށް 2,500 ރުފިޔާ އަދި ތިންވަނައަށް 1,500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފޮޓޯތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަސް ކަމަށާއި، އައްޑޫ ނޭޗާ ޕާކުގެ އީމެއިލް އެޑްރެސް nature.park@adducity.gov.mv އަށް ފޮޓޯތައް ފޮނުވަންވާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ބަޔޯޑައިވަސިޓީ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި 22 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައްޑޫ ނޭޗާ ޕާކުގެ ނަންބަރު 7580059 އަށް ގުޅުމަށް އެ ފަރާތުން އިލްތިމާސްކޮށްފައިވެއެވެ. އައްޑޫ ނޭޗާ ޕާކުން ކުރިން ވެސް ވަނީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކާއި، ރުއް އިންދުމުގެ ޕްރޮގްރާމްތައް ފަދަ ހަރަކާތްތައް ހިންގާފައެވެ.

