ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މިދިޔަ އޭޕްރީލް މަހު 50.2 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޭޕްރީލް މަހު 14,024 މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި އެހީ ފޯރުކޮށްދީފައިވެއެވެ. އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިވަގުތު ޖުމްލަ 14,188 މީހުން ހިމެނޭއިރު، މީގެ ތެރޭގައި 18 އަހަރުން ދަށުގެ 4,700 ކުދިން ހިމެނެއެވެ. އަދި މިދިޔަ މަހު އަލަށް 103 މީހަކު ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011 ވަނަ އަހަރުން ފެށިގެން އެލަވަންސް ދޭން ފެށި އިރު، 2023 ވަނަ އަހަރު ވަނީ މި އެލަވަންސް 3,000 ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި ދައުލަތުން މި ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ހަރުދަނާކުރުމަށްޓަކައި "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލައި، އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައްސަލަތައް ކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، ތަޢުލީމީ ފުރުސަތުތައް އެކަށީގެންވާ މިންވަރަށް ނުލިބުމަކީވެސް މި ފަރާތްތަކުގެ އަނެއް ބޮޑު ކަންބޮޑުވުމެވެ.
މި ދެންނެވި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.

