އއ. މަތިވެރީގައި ދާހިލީ އުދުހުންތަކަށް ހާއްސަ އެއާޕޯޓެއް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ 1 އޭޕްރީލް 2025 ގައި ނެރުއްވި ރިޔާސީ ގަރާރުގެ ދަށުން ކްރޮސް ސަބްސިޑީގެ އުސޫލުން ހިންގުމަށް ކަނޑައަޅާފައިވާ ގައުމީ ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއު ހިންގުމަށް ކުރިމަތިލާ ފަރާތްތަކަށް އެކި ގޮތްގޮތުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން އެއާޕޯޓު ބިނާކޮށް ހިންގުމަށް ހިނގާ ހަރަދު ހަމަޖެއްސޭނެ ވިޔަފާރިތައް ހިމަނައިގެން ޕްރޮޕޯޒަލް ހުށަހެޅުމުގެ އިތުރުން، ކޮންޓްރެކްޓާ ފައިނޭންސިން ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލް އަދި ލޯނު ހޯދައިގެން މަޝްރޫއު ހިންގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަޝްރޫއުގެ ތަފުސީލީ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ އެޑްރެހަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މި ފުރުސަތުގެ އެންމެ ފަހު މުއްދަތަކީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

