ޤައުމަކަށް ހޯދޭނެ އެންމެ އުއްމީދީ ކާމިޔާބީ އަކީ އެޤައުމެއް ނުދަރާ ސަލާމަތް ކުރުންކަމަށާއި އެކަން ކުރެއްވީ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑަށް އުންމީދުކުރި އެއްކަމަކީ، އަދި އެކަމެއް ކާމިޔާބުނުވި ކަމަކީ ރާއްޖެ ދަރުވާލައި ބަނގުރޫޓުކޮށްލުން ކަމަށެވެ. އަދި އެމްޑީޕީން މަގުމަތީގައާއި ޓީވީތަކާއި ޕޯޑިއަމްތަކުގައި އަދި މަޖިލީހުގައި ވިދާޅުވަމުން ދިޔައީ ދާދި އަވަހަށް ދިވެހިރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ކަމުގައިވެސް ސައީދު ފާހަގަކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ފާއިތުވި 15 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުން ކުރެއްވި މަސައްކަތްޕުޅު އެއްކޮށްލުމަށްފަހު، ރައީސް މުޢިއްޒު ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ކުރެއްވި މަސައްކަތާ އަޅާބަލާއިރު، އެމަނިކުފާނާ އެއްވަރަށް މަސައްކަތްކުރެއްވި އެހެން ވެރިޔަކު ނެތް ކަމަށެވެ.
“މާތްﷲގެ ރަޙުމަތްފުޅާއެކު ޕީއެންސީގެ ލީޑަރު، ޕީއެންސީގެ ވެރިކަމުގައި، މި ޕާޓީގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހައިސިއްޔަތުގައި ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ، އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތްކުރެއްވުން،” ސައީދު ވިދާޅުވިއެވެ.
ވަޒީރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒުގެ ވައުދުފުޅުތައް ފުއްދުމުގެ މަސައްކަތްތައް ކުރިއަށްދަނީ ހުރިހާ ވުޒާރާތަކެއް ގުޅިގެންނެވެ. އަދި އެ މަސައްކަތްތައް ކުރާނެ ގޮތާއި ނިންމާނެ މުއްދަތުތަކާއި މުހުލަތުތައް ކަނޑައެޅި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބިދޭސީންގެ މައްސަލައާއި ދުންފަތުގެ ވަބާގެ މައްސަލައާއި ވޭޕުގެ މައްސަލަ ފަދަ ކަންކަން ހައްލުކުރެއްވުމަށް ރައީސް އެޅުއްވި ފިޔަވަޅުތަކާއި، އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަދަ ޚިދުމަތްތައް ފަށާފައިވާކަންވެސް ސައީދު ފާހަގަކުރެއްވިއެވެ

