ގދ. ފިޔޯރީގައި ކުރިއަށްދާ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫޢުގެ 88.21 އިންސައްތަ ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.
ޖުމްލަ 51 މިލިއަން ރުފިޔާއަށްވުރެ ގިނަ ޚަރަދު ހިނގާނެކަމަށް ލަފާކުރެވޭ މި މަޝްރޫޢުގެ ދަށުން، ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.

މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ ބާކީ ހުރި ކުދިކުދި މަސައްކަތްތައް ނިންމުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޓެސްޓްކޮށް ޕްރީ-ކޮމިޝަންކުރުމުގެ ތައްޔާރީތައް ކަމަށެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމަށް ކުރަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.
މަޝްރޫޢު ނިމުމުން، ގދ. ފިޔޯރީގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

