މާލޭގެ އިމާރާތަކުން ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާއާ ގުޅޭ ގޮތުން އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށް، އެ ކޮމިޝަންގެ ހިންގާ ގަވައިދު އާންމު ކޮށްފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފެއްދެވީ 27 އެޕްރިލް 2025 ގައެވެ.
ރިޔާސީ ކޮމިޝަނުގެ ގަވާއިދުގައި ވާގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ އަދަދަކީ ފަހެއް ކަމަށާ ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ޔުމްނު ވެއްޓުނު މައްސަލާގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް އެ ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ ހާދިސާއާއި ގުޅެގޮތުން އެކި މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅު އަޅާ، އެ މައްސަލާގައި ކަން ހިނގާފައިވާގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ތަހުގީގުކޮށް ރައީސަށް ލަފާއެރުވުމެވެ.
ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ޖުމްލަ ހަ ކަމެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަންގެ ތަހުގީގަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި، ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެއިން ބޭރު ހަބީރުންގެ އެހީތެރިކަން ހޯދުން، ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާެއްގެ ބާރު ބޭނުންކުރުން، ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުތަކުގައި އެދުން، ހާޒިރުކުރަން ޖެހޭ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން، އަދި މި މައްސަލައާ ގުޅިގެން އެހެން އިދާރާއަކުން ތަހުގީގެއްކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާ އަދި އެ ނޫން ވެސް މައުލޫމާތު ހޯދުމެވެ.
މި ގަވައިދުގައި ކޮމިޝަން އުވޭނެ ވަކި ތާރީހެއް ނެތެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވަނީ ކޮމިޝަންގެ މަސައްކަތްތައް ނިމޭނީ، ރައީސްގެ ގަރާރުން ކޮމިޝަނަށް މަތިކުރައްވާފައިވާ މަސައްކަތްތައް ނިމުމުން ކަމަށެވެ.

