ހައްވާ ޔުމްނު ރަޝީދު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލްގެ ބަންދުގެ މުއްދަތު އިތުރުކޮށް، އަނެއްކާވެސް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހައިފިއެވެ.
މިއީ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ޔުމްނުއާއެކު އުޅުނު މި ހަތް މީހުންގެ ތެރެއިން ރައުދު ފިޔަވައި އެހެން އެންމެން ވަނީ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފައެވެ.
ބަންދުގެ ޝަރީއަތުގެ މަޖިލިހުގައި ރައުދު ބުނެފައި ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ.

