މި އަހަރަކީ ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފް.އެސް.އެމް) އަށް 25 އަހަރު ފުރޭ އަހަރުކަމަށް ވުމުން މިކަމުގެ މުނާސަބަތުގައި މި އަހަރުތެރޭގައި ގިނަ ޚަރަކާތްތައް ބޭއްވުމަށް ވަނީ އެ ކުންފުނިން ނިންމާފައެވެ.
އެގޮތުން މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ބައިވެރިވެނޭނެފަދަ ޚަރަކާތްތައް ހިމެނޭއިރު، މީގެ ތެރެއިން ރަށްރަށުގެ ކޮމިއުނިޓީ ލައިބްރަރީތައް ގާއިމްކުރުމާއި، ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި އެންޖީއޯ ތަކާއި ގުޅިގެން ކުރިއައް ގެންދާ ސީއެސްއާރް ހަރަކާތްތައް ވެސް ހިމެނޭނެއެވެ.
މި ޚަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި މި ވަނީ އެފްއެސްއެމް އާއިލީ ހަވީރެވެ. މީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން އެފް.އެސް.އެމުން އާންމުންނަށް ޙާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.
މި ކަމުގެ އިންތިޒާމްތައް ކުރަމުންދަނީ އެފްއެސްއެމްގެ ފިއުލް ރިކްރިއޭޝަން ކްލަބް އާއި ހުރިހާ ޑިޕާރޓްމަންޓްތަކާއި ގުޅިގެންނެވެ.
މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ބަގީޗާގައެވެ.
މި އިވެންޓަގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ތަފާތު ގޭމްތައް ކުޅެލަން ފުރުސަތު ލިބިގެން ދާނެއެވެ. މީގެ ތެރެއިން ފޭސް ޕެއިންޓިންގް އާއި، ކޭކް ޑެކަރޭޝަންއާއި ގޯލް ޝޫޓިންގް، ބޯޓް ޕެއިންޓިންގް އާއި ސްނޭކް އެންޑް ލެޑާރ ފަދަ އެކި ކުޅިވަރުތައް ހިމެނޭނެއެވެ. އަދި ޓްރާންސްމޯމާޒްއާއި ބައްދަލުކޮއްލާ ފޮޓޯ ނަގައި، އެކި ހަދިޔާތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެފް.އެސް.އެމުން ބުނީ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން މި ހަވީރުގައި އާއިލާތަކާއެކު ބައިވެރިވުން ކަމަށެެވެ.

