ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ގެމަނަފުށި ބަނދަރާ ލޯންޗު ގާތްކުރުމުން އެ ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގައިހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 28 ގުރާމެވެ.

ލޯންޗު ދުއްވި ގއ. ގެމަނަފުށި ބަނަފުސާގެ، އުމުރުން 45 އަހަރުގެ ޙަސަން ޝުޖާއު، މި މައްސަލައާ ގުޅިގެން ވަނީ ހައްޔަރުކޮށްފައެވެ. މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

