ހުޅުމާލޭ ނިރޮޅުމަގުގައި މިއަދު ހެނދުނު ކުޑަކުއްޖަކު އުރައިގެން ދިޔަ އަންހެނަކު މަގު ހުރަސްކުރަނިކޮށް އޭނާ ގައިގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތުއްތުކުއްޖާގެ ބޮލަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އެ އެކްސިޑެންޓު ރިޕޯޓުކުރީ ހެނދުނު 9:23 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، އަންހެން މީހާގެ އުރުގައި އިނީ އެއް އަހަރާއި އަށް މަހުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތިން މީހުންނަށް ވެސް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އެކްސިޑެންޓު ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ތުއްތު ކުއްޖަކު އުރާލައިިގެން މަގު ހުރަސް އުޅުނު އަންހެނެއްގެ ގައިގައި ބާރު ސްޕީޑްގައި ދިޔަ ސައިކަލަކުން ޖެހޭ ތަނެވެ. އަދި ކައިރީން ދުއްވާފައިދިޔަ ސައިކަލުތަކެއްގައި ތިބި ބަޔަކު މަޑުކޮށް އެމީހުންނަށް އެހީވާ މަންޒަރެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް އެކްސިޑެންޓުގެ ކޭސްތައް ދަނީ ދުވަހަކަށް ވުރެއް ދުވަހެއް އިތުރުވަމުންނެވެ.

