ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ކުރުވޭނީ، އިންތިޚާބުކުރެވޭ މަޤާމުތަކުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ ރައްޔިތުންނާއެކުޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ހަޤީޤީ މާނައިގައި ބާރުވެރިކުރެވޭނީ ގޯސްކަމެއް ކޮށްފިނަމަ، ކައުންސިލަރެއް ނުވަތަ މަޖިލިސް މެންބަރެއް ވިޔަސް، އަދި އެހެން އިންތިޚާބީ މަޤާމެއްގައި ހުރި މީހަކު ވިޔަސް، ވަކިކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބޭގޮތަށް ޤާނޫނު އިޞްލާޙުކޮށްގެން ކަމަށް ވިދާޅުވިއެވެ.
"އިންތިޚާބުކުރި މަޤާމުން އެ މީހަކު ވަކިކުރަން ވޯޓުލުމުގެ ޙައްޤު އޮތް މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވާނަމަ، އޭނާގެ މަޤާމުން އޭނާ ދުރުކުރުމުގެ ފުރުޞަތު ލިބެންޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ކައުންސިލަރުންގެ އަދަދު އިތުރުވަމުންދާތީ، މި އަދަދުތައް އިތުރުނުވާނެ ގޮތަށް ޤާނޫނުތަކަށް ބަދަލު ގެނައުމަށް ވިސްނާވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ސިޓީ ކައުންސިލްތަކަކީ މީގެ އިސްތިސްނާއެއް ކަމަށް ވިދާޅުވިއެވެ.
"މާލޭގައި އެންމެ ފުރަތަމަ ފެށުނީ 11 ކައުންސިލަރުން. މިހާރު 18 އެބަތިބި. އެއީވެސް ހަމަ އާބާދީ ބޮޑުވާތީ ވާގޮތެއް. އެހެންނަމަވެސް، އަޅުގަނޑުމެން އިޞްލާޙު މި ހުށަހަޅަނީ، މިހާރު އޮތް އަދަދަށްވުރެ ދެން އިތުރެއް ނުވާނެ. އެ 18 ގައި ހިފެހެއްޓޭނޓޭނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފާއިތުވި އެމްޑީޕީ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލުތަކުގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ހަމައެހެންމެ، އެ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް އުފައްދާފައިވެއެވެ.

