ރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަކީއެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނަމަވެސް މިކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ހަވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމުން ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ޤައުމަކަށް މިއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދޭތެރޭ ގާތްގަނޑަކަށް މި ހޭދަވަނީ ހައެއްކަ މަސް. އަޅުގަނޑު ހިތުން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ދެ އިންތިޚާބުވެސް އެކުގަ ބޭއްވިގެން ދިއުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިއީ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގައި އެމަނިކުފާނު އަމިއްލައަށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅެއް ނުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ފެންނަ ނުފެންނަ ވޯޓާއި ރިފަރެންޑަމްއާ ގުޅޭ ގާނޫނެއް ފާސްކުރަން ޖެހޭ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށުމުން ބިލެއް ހުށަހެޅުމަށް ރޭވިފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބުގައި ޕްރިފަރެންޝަލް ވޯޓިންގ ނިޒާމު ތަޢާރަފުކުރުމަށްވެސް ރައީސް މުޢިއްޒު ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. މިއީ ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ރައީސަކު އިންތިޚާބުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ނިޒާމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވީ، މި ހުރިހާ ކަމެއްގައިވެސް ގޮތެއް ނިންމަވާނީ ރައްޔިތުންގެ ޚިޔާލާ އެކުގައި ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ތަންފީޒުކުރާއިރު ރައްޔިތުންގެ ބާރުވެރިކަމާއ
، ޤާނޫނީ ވެރިކަން އަދި ދެފުށްފެންނަ ނިޒާމެއް ޤާއިމުކުރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.

