އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
“ރައްޔިތުންނާ އެކު” ޕޮޑްކާސްޓް ސިލްސިލާގެ ހަ ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެންނަން ގަސްދުކުރައްވާ އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލް ކިޔާފައި ވަކި ކައުންސިލެއް ބާއްވަން ނުފެންނަ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އަތޮޅު ހިންގުމަށް ވަކި ކައުންސިލެއް އޮވެ، އަތޮޅު ކައުންސިލްގެ ރައީސަކު ހޮވުމަށްފަހު ހުރިހާ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން އަތޮޅު ކައުންސިލް ހިންގަން އަންނަ ގޮތަށް އޮންނަނީއެވެ. “މީގަ ވާގޮތަކީ އަތޮޅުގެ ކަމެއްގައި މަޝްވަރާކުރަން ބައްދަލު ކުރިއަސް އެ ރަށެއްގެ ކަމެއް އެ ރަށުގެ ކައުންސިލަރަށް އިސްކުރެވެނީ. މުޅި އަތޮޅުގެ ކަމެއްގައި ވާހަަކަ ދެކެވޭ ވަރު މަދު،” ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ޚަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެއެވެ. މީގެ އިތުރުން، ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިތޯ ބެލޭނެ ނިޒާމެއް ވެސް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.
ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދަށް ވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 2000 އަށްވުރެ މަދު އާބާދީތަކަށް ތިން މެމްބަރުންނާއި، 2000 އަށްވުރެ ބޮޑު އާބާދީތަކަށް ފަސް މެމްބަރުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ކައުންސިލްތަކުގެ އަންހެން މެންބަރުންގެ އަދަދު މިހާރު އޮންނަ 33 އިންސައްތައިން 40 އިންސައްތައަށް އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

