ރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއްގެ ވޯޓުލުން އިލެކްޓްރޯނިކް ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ “އެއްވެސް އިންތިހާބެއްގައި އިލެކްޓްރޯނިކް ވޯޓިންގ ތައާރަފުކުރުމަކީ ސަރުކާރުން ވިސްނާފައިވާ ނުވަތަ ކުރަން ނިންމާފައިވާ ކަމެއް ނޫން،” ކަމަށެވެ.
މި ބަޔާން އައިސްފައިވަނީ ސަރުކާރުން “މޯލްޑިވްސް 2.0” ލޯންޗްކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ޝައްކުތަކާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ވަނީ މި ސަރުކާރުން ވޯޓުލާ ނިޒާމް ޑިޖިޓަލް ކުރަން އުޅޭ ކަމަށާއި، މޯލްޑިވްސް 2.0 ލޯންޗް ކޮށްފައިވަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް ތުހުމަތުކޮށްފައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، “އިލެކްޓްރޯނިކް ވޯޓިންގ އަކީ އެކަން ތަންފީޒުކުރާ ގައުމުތަކުގައިވެސް އޮޕްޝަނަލްކޮށް އޮންނަ ކަމެއް” ކަމަށެވެ. އަދި މިސާލެއްގެ ގޮތުން އެސްޓޯނިއާގައިވެސް އެހެން ހުރިހާ ކަމެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްފަހު، އެންމެ ފަހު ކަމެއްގެ ގޮތުގައި އިލެކްޓްރޯނިކް ވޯޓިންގ އޮޕްޝަނަލްކޮށް ތައާރަފުކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް 2.0 އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ ތިން އަހަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ޚިދުމަތްތައް ހަލުވިކޮށް، ދެފުށް ފެންނަ ގޮތަށް، އަދި ކޮރަޕްޝަން ނައްތާލުމަށް ޓެކްނޮލޮޖީގެ އެހީގައި ސަރުކާރު ހިންގުން ހަރުދަނާކުރުމެވެ. މި މަޝްރޫއު ކުރިއަށްދަނީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ އެސްޓޯނިއާއާ ގުޅިގެންނެވެ.

