ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ތަމްސީލު އިތުރުކުރުން މުހިންމު ނަމަވެސް، މެންބަރުންގެ އަދަދު 93 އަށްވުރެ އިތުރުނުކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ “ރައްޔިތުންނާ އެކު” ޕޯޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، މެންބަރުން އިތުރުވުމުން ރައްޔިތުންގެ ތަމްސީލު އިތުރުވި ނަމަވެސް، 93 މެންބަރުންނަށްވުރެ އިތުރުނުވާގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ވިސްނާ ކަމަށެވެ.
“93 މެންބަރުންނަށް އިތުރުވެފައި މިއޮތީ. އެހެންވީމަ އަޅުގަނޑު މި ހުށަހަޅާ އިސްލާހަކީ އެހިސާބަށް ދެން ހިންގާށޭ އިތުރު ނުވާނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުންވެސް އެންމެ ބޮޑަށް ބޭނުންވާނީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވުން ކަމަށެވެ. އަދި މިހާރުވެސް މެންބަރުންގެ އަދަދު މާބޮޑަށް އިތުރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

