ސަރުކާރުން ކައުންސިލްތަކަށް ފޯރުކޮށްދޭ ބްލޮކް ގްރާންޓް، ނުވަތަ ބަޖެޓުން ދޫކުރާ ފައިސާ ބޭނުންކުރަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ ބެލޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ނިޒާމުގައި މާލީ ވުޒާރާގެ ދައުރުވެސް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ބޮޑެތި ޚަރަދުތައް ކުރަމުންދާ ކަމަށާއި، ރާއްޖެއިން ބޭރަށް ކުރާ މިފަދා ދަތުރުތަކުން ރައްޔިތުންނަށް ލިބޭ ފައިދާއަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.
“ކައުންސިލްތަކުން ބްލޮކް ގްރާންޓް ހޭދަކުރާ ގޮތް ބެލުމުގެ ނިޒާމެއް، ފިނޭންސް މިނިސްޓްރީގެ ދައުރު އޮންނަގޮތަށް ޤާއިމުކުރާނަން. ތަޖުރިބާ ދަތުރުތައް ބެންކޮކަށް އެބަކުރޭ. އޭގެއިން ރައްޔިތުންނަށް ފައިދާއެއްވޭތޯ؟ ކޮންފައިދާއެއްތޯ އޭގެއިން ވަނީ ބަލަންޖެހޭ،” ރައީސް ވިދާޅުވިއެވެ.
އަދި ބައެއް ކައުންސިލްތަކުން ފައިސާ ޚަރަދުނުކޮށް ސޭވިންގްގައި ރައްކާކޮށްފައި ބަހައްޓާ ކަމަށާއި، ނަމަވެސް މިއީ ރަށުގެ ތަރައްޤީއަށް ޚަރަދުކުރަން ސަރުކާރުން ދޭ ފައިސާ ކަމަށްވުމާއެކު، އެ ފައިސާ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ހޭދަކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާއިރު، ރައީސް މުޢިއްޒު ވަނީ ޤާނޫނުތަކާއި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއެކު، މިކަން ބެލޭނެ އަދި ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

