އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން އެ ކުންފުނީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވުނު އެ ކުންފުނީގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ޖަލްސާގައި ފާސްކުރި ގޮތުން، ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ޖުމްލަ 2،525،923.80 ރުފިޔާއެވެ. މިއީ ހިއްސާއަކަށް 0.022 ރުފިޔާގެ މަގުންނެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާޤުންނެވެ.
2024 ވަނަ އަހަރަކީ އެސްޑީއެފްސީގެ ފާއިތުވި ފަސް އަހަރުގެ ތެރެއިން މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށް ވެފައިވާއިރު، މި އަހަރު ކުންފުނީގެ ހިންގުމުގެ އާމްދަނީ 61.3 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 45.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރު ކުންފުންޏަށް ގެއްލުންވި 21.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 308 އިންސައްތައިގެ ކުރިއެރުމެކެވެ.

ކުންފުނީގެ މާލީ ހާލަތަށް މިފަދަ ހެޔޮ ބަދަލެއް އައިސްފައިވަނީ "ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މާލީ ހިސާބުތައް ބެލެހެއްޓުމަށް އަދި ހިންގުމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން" ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.
2019 ވަނަ އަހަރު ޤާއިމްކުރެވުނު އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ހިންގާ ހަމައެކަނި މާލީ އިދާރާއެވެ. މި ޖަލްސާގައި 2023 ވަނަ އަހަރުގެ ޔައުމިއްޔާއާއި، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.

