ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ މައްޗަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަކީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން މިނިސްޓަރުގެ ދިފާއުގައި ނުކުމެއްޖެ އެވެ.
މިދިޔަ އޭޕްރިލް 18 ގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅުވައި، މަޖިލީހުގެ މައިނޯރިޓީ އެމްޑީޕީގެ 12 މެމްބަރުން ސޮއިކޮށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް މިނިސްޓަރު އަމީން މިއަދު ވަނީ ޖަވާބުދާރީވެ، އިދިކޮޅުން ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ.
މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ މައްސަލަ ހުށަހެޅުއްވިއިރު މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ އަޑުގައި “އާދަޔާ ޚިލާފު ތުރުތުރެއް” ހުރި ކަމަށާއި، އެއީ މެމްބަރު އިތުރުފުޅު ހައްދަވަމުން ގެންދިއުމުންވީ ގޮތަކަށް ވެދާނެ ކަމަށެވެ.
މައްސަލަ ބަހުސްކުރެވެމުންދިޔައިރު، މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ނިޒާމީ ނުކުތާއެއް ނަންގަވައި، އިދިކޮޅު މެމްބަރުންނަށް ނިސްބަތްކޮށް ސަރުކާރު މެމްބަރުން “އަވަގުރާނަ” ގޮވަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ހޫނު ބަހުސްތަކެއް ކުރިއަށްގޮސް، މެމްބަރުން އަޑުގަދަކުރައްވާ މަންޒަރުތައް ފެނިގެން ދިޔަ އެވެ.
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ނެންގެވި ނިޒާމީ ނުކުތާގައި، މައްސަލަ ހުށަހެޅުއްވި މެމްބަރަށް ނިސްބަތްކޮށް އިހުތިރާމްކުޑަކޮށް އެއްވެސް މެމްބަރަކު ވާހަކަ ދެއްކެވުން ބަލައިނުގަނެވޭނެ ކަމަށާއި ރިޔާސަތުން އެފަދަ ކަންކަން ހުއްޓުވަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. މިކަމާ ގުޅިގެން ރިޔާސަތުން ވަނީ މެމްބަރުންގެ މެދުގައި އެކަކު އަނެކަކަށް މާލާމާތްކޮށް ފުރައްސާރަނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

