ދިވެހި ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއް ކަމަށާއި ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މޯލްޑިވްސް ބްލަޑް ސަރވިސަސް “އޮރެންޖު ހިޔާ” އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ ބައްދަލުކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ފުރިހަމަނުކުރެވި ލަސްވަމުން ގޮސް، ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ވަރަށް ސީރިއަސް ޙާލަތަކަށް ދިޔުމާ ގުޅިގެން، ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކޮށް، އެކުދިންނަށްޓަކައި އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސް ގާއިމްކުރެއްވުމަށް ނިންމެވި ކަމަށް ވިދާޅުވި އެވެ.
މި މަސައްކަތް ސިފައިން ކުރިއަށް ގެންދިޔައިރު، ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން މިކަމުގައި ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކު ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވި އެވެ. ސިފައިން މި މަސައްކަތް ނިންމާފައިވަނީ އެންމެ މަސްދުވަހުގެ ތެރޭގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޤައުމީ ވަރަށް ގިނަ މަސައްކަތްތަކުގައި މީގެ ކުރީން ވެސް ސިފައިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައިވުމެވެ. މިފަދަ ކޮންމެ މަސައްކަތަކުން ވެސް ހާމަވެގެންދަނީ ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތުގެ ރޫހާއި އިޚްލާޞްތެރިކަމެވެ.

